ކޮވިޑް-19: މުޖުތަމަޢުތަކުން ނަސްލީ ތަފާތުކުރުންހުއްޓާލަން ޖެހޭ!

Posted on 06-05-2020 at 20:15 in COVID-19 MNU UPDATES

muj
 

ނަސްލީ ތަފާތުކުރުމަކީ އިންސާނީ ޤަދަރާއި، ކަރާމަތާ އަދި ފިތުރަތުގެ އުސޫލުތަކާ ޚިލާފުކަމެކެވެ. ނަސްލީ ތަފާތުކުރުމަކީ، އެއް ނަސްލަކީ އަނެއް ނަސްލަށްވުރެ ޠަބީޢީގޮތުން މަތިވެރި ނުވަތަ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ޢަޤީދާއެވެ. އެއީ ޤަބޫލުކުރުމެކެވެ (ޖޯން ޖޭ. މެސިއޯނިސް،2012). ނަސްލީ ތަފާތުކުރުމުގެ ސަބަބުން އިންސާނީ ޙައްޤުތަކާއި، އަސާސީ މިނިވަންކަމާއި ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާއެކު ލިބުމަށް ހުރަސް އެޅެއެވެ. ހިތާމައަކީ ކޮރޯނާވައިރަސް ޑިސީސް 2019 (ކޮވިޑް-19)ގެ ނުރައްކާތެރި ބަލިމަޑުކަމުގެ މި ދުވަސްވަރުގައި ވެސް ނަސްލީ ތަފާތުކުރުން މުޖުތަމަޢުތަކުގައި އިތުރުވަމުންދާކަމެވެ. ދިވެހިންގެ ތެރެއިން ވެސް މި ސިފަ ފެންނަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ގައުމީ އަދި ބައިނަލް އަގުވާމީ ޖަމުޢިއްޔާތަކުން ގޮވާލަމުން ދަނީ ނަސްލީ ތަފާތުކުރުމެއް ނެތި އެންމެންނަށް ވެސް އެބައިމީހުންގެ އިންސާނީ ޙައްޤުތައް ހޯދައިދީ ކަށަވަރުކޮށްދިނުމަށެވެ. މި މަޒުމޫނު ބޮޑަށް އަމާޒުކޮށްފައިވާނީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީ މަސައްކަތްތެރިންނާ މެދު ދިވެހި މުޖުތަމަޢުގައި ކުރެވޭ ތަފާތުކުރުންތަކަށާއި އެކަން ހުއްޓާލަން ޖެހޭ ސަބަބުތަކަށެވެ. އެހެންނަމަވެސް މަޒުމޫނުގެ ފުރަތަމަ ޕެރެގުރާފުގައި ކޮވިޑް-19އާ ގުޅިގެން ބޭރުގެ ބައެއް މުޖުތަމަޢުތަކުން ފާހަގަކުރެވޭ ނަސްލީތަފާތުކުރުންތަކަށާއި އެ ތަފާތުރުންތައް ހުއްޓާލަން ޖެހޭ ސަބަބުތަކަށް ކުރުކޮށް ބަލާލައިފައިވާނެއެވެ.
ކޯވިޑް-19އާ ގުޅިގެން ދުނިޔޭގައި އެކި ކަންކަންކޮޅުތަކުގައި ނަސްލީ ތަފާތުކުރުމާއި، މީހުންނާ ދޭތެރޭ އިހާނަތްތެރިކޮށްހިތުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އޭޝިޔާއާއި ޕެސިފިކުގެ ގިނަ ގައުމުތަކުން، އޮންލައިންކޮށް ރިޕޯޓްކުރެވޭ ގޮތަށް ކުރިއަށް ގެންދާ ސާރވޭއިން، މާރިޗު މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އެކަނި ވެސް ނަސްލީ ތަފާތުކުރުމާ ގުޅޭ 1,100 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތައް ފިރިހެނުންނަށް ވުރެ އަންހެނުންނަށް ކުރިމަތިލާން ޖެހޭ މިންވަރު ދެ ގުނަ އިތުރެވެ (އޭޝިއާ ޕެސިފިކް ޕްލޭނިންގ ކޮމިޝަން، 2020؛ ހިޔުމަން ރައިޓްސް ވޮޗް، 2020). އަދި އޮސްޓްރޭލިޔާގައި އުޅޭ އޭޝިޔާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވެފައިވާ މިފަދަ 178 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ (ދަ ގަރޑިއަން، 2020). އޭޝިޔާ ދަރިކޮޅުގެ މީހުންގެ ތެރެއިން ވެސް ޗައިނާ މިހުންނާ ދޭތެރޭ ނަސްލީ ތަފާތުކުރުން ބޮޑުކަން ފާހަގަވެއެވެ. ކޮވިޑް-19ފެތުރެންފެށުނީ ޗައިނާއިން ކަމަށް ވުމާއެކު ޗައިނާގެ ކޮންމެ މީހަކީ ކޮރޯނާ ވައިރަސް ފަތުރާ މީހެއްގެ ގޮތުގައި ވަނީ ލޭބަލުވެފައެވެ (ޑިލަން ދޭވާކުމާރު، ޖިއޯޑާން ޝެނަން، ސުނިލް އެސް. ބޯޕާލް، އިބްރާހީމް އަބޫބަކުރު، 2020). މިގޮތުން އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ އޭޝިޔާ ދަރިކޮޅުގެ ޢާއިލާއަކަށް، އެ މީހުންނަކީ ޗައިނާގެ ޢާއިލާއެއް ކަމަށް ހީކޮށް، އެ ޢާއިލާއާ ދިމާކޮށް، އެމެރިކާ މީހަކު ވަނީ ހަމަލާ ދީފައެވެ (ހިޔުމަން ރައިޓްސް ވޮޗް، 2020). ކޮވިޑް-19އަކީ ޗައިނާގައި ފެތުރެން ފެށި ބައްޔަކަށް ވީ ނަމަވެސް އެ ގައުމުގެ މީހުންނާމެދު، އަދި އެއްވެސް ގައުމެއްގެ މީހަކާ މެދު މިގޮތަށް ދުށުމަކީ ވަރަށް ބޮޑު ބޭ އިންސާފެކެވެ. މީގެ ސަބަބުން މުޖުތަމަޢުތަކުގައި އިތުރު ބިރުވެރިކަން އުފެދި، ނަފްސާނީ ގޮތުން މީހުން ބަލިކަށިވެދާނެއެވެ. އަދި މުޖުތަމަޢުތަކުގައި ހަމަނުޖެހުމާއި ދެކޮޅުވެރިކަން ފަދަ ނޭދެވޭ ކަންކަން އިތުރުވެދާނެއެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ނުކުރުމަށް ބައިނަލް އަޤުވާމީ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ. 2020ވަނައަހަރު މާރިޗު މަހުގެ 16 ވަނަ ދުވަހު އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މާހިރުން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ދިމާވި ކުއްލި ޙާލަތު، ވަކި ޖަމާޢަތަކަށް، ނުވަތަ ބައި މަދު ވަކި ޖަމާޢަތަކަށް ނުވަތަ ވަކި ފަރުދަކަށް ވިޔަސް އަމާޒުކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އެ މީހުންނާ ދޭތެރޭ އޮންނަ ނުރުހުން ފާޅުކުރުމާ، އަދި ދެކޮޅަށް ކުރާ ކަންތައްތައް، ޞިއްޙީ ޙާލަތު ރައްކާތެރިކުރުމުގެ ނަމުގައި ބޭނުންކުރެވިގެން ނުވާނެއެވެ (ހިޔުމަން ރައިޓްސް ވޮޗް، 2020). ވީމާ، ބައިނަލް އަޤުވާމީ އިދާރާތަކުން އަންގާ މިފަދަ އެންގުންތަކަށް ބޯލަބައި، ނަސްލީ ތަފާތުކުރުން ހުއްޓާލަން ޖެހެއެވެ. އެއީ މުޖުތަމަޢުގެ ހަމަޖެހުމަށް ޓަކައެވެ. އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.
ކޮވިޑް-19އަކީ ވަކި ނަސްލަކަށް ނިސްބަތްވާ މީހުންގެ ސަބަބުން ޖެހޭ ބައްޔެއްކަމަށް ދެކި، ނަސްލީ ތަފާތުކުރުންތައް މުޖުތަމަޢުތަކުގައި އިތުރުވެފައިވާ އިރު، މި ފަދަ ނަޒަރުން ވިސްނާ ބަޔަކު ރާއްޖޭއިން ވެސް ފެންނަމުން ދާކަމީ ހިތާމަހުރި ކަމެކެވެ. މިގޮތުން ކޮވިޑް-19ފެތުރުން ކޮންޓުރޯލު ކުރުމަށް އެކުލަވާލައިފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު “ބަންގާޅީން”( )މިލަފުޒު ބޭނުންކޮށްގެން ސުވާލުކުރައްވަން ފެއްޓެވުމުން އެބައްދަލުވުމުގައި ހިމެނިވަޑައިގަންނަވާ ޑރ. ފާޠިމަތު ނަޒުލާ ރަފީގު އެކަމާ ނުރުހުންފާޅުކުރެއްވިއެވެ. ޑރ. ނަޒުލާ ފާހަގަކުރެއްވި ގޮތުގައި ދިވެހިންގެ ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތުން، ބޭރު މީހަކަށް އަދި ޚާއްޞަކޮށް ވަކި ގައުމަކުން އައިސްފައި ތިބި ބަޔަކަށް ކޮވިޑް-19 ޖެހިއްޖެނަމަ ދިވެހިންނަށް ބަލިޖެހޭނެ ނުވަތަ ބަލި ފެތުރޭނެއެވެ. މިގޮތަށް ވިސްނާ ވިސްނުން ބަދަލުކުރުމަށް އެދިވަޑައިގަތެވެ. އަދި އެންމެންނާ ދޭތެރޭގައި ވެސް ހަމަހަމަކޮށް ޢަމަލުކުރުމަށް ޞިއްޙަތު ރައްކާތެރިކުރުމާ ބެހޭ ޤާނޫނު، ލާޒިމުކުރާކަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19އަކީ ވަކި ނަސްލެއްގެ ސަބަބުން ނުވަތަ ވަކި ނަސްލެއްގެ ބަޔަކަށް ޖެހޭ ބައްޔެއް ކަމަށް ދެކި، އެ ފަދަ ފަރާތްތަކާ މެދު ނަސްލީ ތަފާތުކުރުން ބާއްވާކަށް ނުވާނެއެވެ. މި ބަލި ޖެހުމުގައި ގައުމެއްގެ ވެރިއެއް، ފަގީރެއް، މުއްސަންޖެއް، ކަޅުމީހެއް، ދޮންމީހެއް، ވަކި ޖިންސެއް، ވަކި ނަސްލެއްގެ، ވަކި ރަށެއްގެ ނުވަތަ ވަކި ގައުމެއްގެ މީހެއް ތަފާތެއް ނެތެވެ. ވީއިރު މިކަމުން ޢިބުރަތްލިބިގަނެ، ދިވެހި މުޖުތަމަޢުގެ ތެރެއިން ފެންނަމުންދާ ތަފާތުކުރުންތައް ހުއްޓާލުން މުހިންމެވެ.
ނަސްލީ ތަފާތުކުރުމުގެ ސަބަބުން އިންސާނުން ކުރާ ކަންތައްތަކުގެ އަގުވަޒަން ނުކުރެވި، އެ ފަދަ ފަރާތްތަކުގެ ކަރާމާތާއި އަބުރު ގެއްލެއެވެ. ބިދޭސީ މަސައްކަތްތެރިންނާ މެދު ބައެއް ދިވެހިން ތަފާތުކުރުން ބާއްވާ އިރު، އެމީހުން ރެއާއި ދުވާލު އެ ތިބެނީ ދިވެހިންގެ ޚިދުމަތުގައެވެ. ކޮވިޑް-19އާ ގުޅިގެން ގްރޭޓަރ މާލެ ފުރަބަންދު ކުރުމާ އެކު، ގައުމުގެ އެކި ދާއިރާތަކުގެ ޚިދުމަތްތެރިން ދިވެހި ގައުމާއި ރައްޔިތުންގެ ޙައްޤުގައި ރެއާއި ދުވާލު އެތައް ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު، މި ޚިދުމަތްތެރިންގެ ގޮތުގައި ބިދޭސީން ވެސް ހިމަނަންޖެހެއެވެ. އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރެވުމަކީ ދެރަ ކަމެކެވެ. މިގޮތުން ބިދޭސީއަކު ފާހަގަކުރައްވާފައިވާ ގޮތުގައި ހެނދުނުއްސުރެ ދަންވަރުވަންދެން އެ ބޭފުޅުން މަސައްކަތުގައި އުޅުއްވަންޖެހެއެވެ. ބައިވަރު އޯޑަރު ހުންނާތީ، އޮޅިގެން އެއްޗެއް ނުލެވި އޮތަސް، މީހުން ހިތްހަމަނުޖެހި، އެ ބޭފުޅުން ގައިން ނުބައި ވަސް ދުވައޭ ކިޔައި، އަދި “ބަލި ހިފައިގެންނޭ އައީ” ބުނެ، ހިތްހަމަނުޖެހުމުގެ ބަސްތައް އެ ބޭފުޅުންނަށް ރައްދުކުރެއެވެ (މުޙައްމަދު އުސާމް، 2020). މިގޮތަށް ބިދޭސީންނާ ނަސްލީ ގޮތުން ތަފާތު މި ކުރެވެނީ އެ ފަރާތްތަކަކީ އެއްވެސް ބައެއް ކަމަށް ނުދެކޭތީ ކަމަށް ވެދާނެއެވެ. ޙަޤީޤަތުގައި، ގިނަފަހަރަށް ނަސްލީ ތަފާތުކުރުން އުފެދިގެން އަންނަނީ އަނެކުންދެކެވާ ފޫހި ނުވަތަ އޮންނަ ނަފްރަތްތެރިކަމަކާއި ހިތްހަމަނުޖެހުމުގެ ތެރެއިން އުފެދިގެން އަންނަ ނޭއްގާނީ ޒާތީ ތަޢައްޞުބަކުންނެވެ. މިގޮތަށް ބިދޭސީންނާ މެދު ނުރުހުމުގެ ނަޒަރުން ދެކި، އެ މީހުންގެ ޒާތަށް ހުތުރުވާ ގޮތަށް ބަސްތައް ބުނެވޭ އިރު، އެއީ ވެސް އިންސާނުންކަން ދަންނަންޖެހޭނެއެވެ. މި ފަދަ އަމަލުތަކުގެ ސަބަބުން އެ މީހުންގެ އިންސާނީ ކަރާމާތް ގެއްލޭނެކަން ވެސް ހަނދާންކުރަންޖެހޭނެއެވެ. އެހެނީ މީހުން ދެރަކޮށް، ނިކަމެތި ކުރުމަކީ އެ މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ ކަމެކެވެ (ރޮބަޓް މައިލްސް، މެލްކޯލްމް ބްރައުން، 2003).
ކޮވިޑް-19ގެ މި ހިތްދަތި ދަނޑިވަޅުގައި ބައެއް ބިދޭސީން މަސައްކަތްތެރިންވަނީ އިންސާނީ ޙައްޤުތަކުން މަޙުރޫމުވެފައެވެ. ދުނިޔޭގެއެކިގައުމުތަކުން އެކި ކަހަލަ މަސައްކަތްތައް ކުރުމަށް ބިދޭސީން ނާޖާއިޒުގޮތުގައި ބޭނުންކުރެވެއެވެ. ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވެސް ބިދޭސީ މަސައްކަތްތެރިން އެހާމެ ގިނައެވެ. މިގޮތުން އެކި ކަންކަމުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދަކީ 145,862އެވެ (ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިކްސް، 2019). މި ޢަދަދު މިއަށް ވުރެ، މިހާރު އިތުރުވެދާނެއެވެ. ދިވެހިރާއްޖޭގައި ބިދޭސީން ގިނަވެ، އެ މީހުން ބިކަވުމުގައި ބައެއް ކުންފުނިތަކުގެ އިހުމާލު ބޮޑެވެ. މަޖޫރީންގެ ގޮތުގައި ބިދޭސީން ގެނެސް، އިންސާނީ ވަގުފާރިކޮށް، ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތުކުރެވޭ 3 ކުންފުންޏެއްގެ މައްސަލައާ އެކު، މިފަދަ 27 މައްސަލައެއް 2019ވަނަ އަހަރު ނިމުނު އިރު، އިމްގްރޭޝަނުންވަނީ ޕޮލިސް ސަރވިސަށް ހުށަހަޅާފައެވެ (މޯލްޑިވްސް އިމްގްރޭޝަން، 2019). މީގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބަޔާންކޮށްފައިވާ ގޮތުގައި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ ނެތް ނަމަވެސް ވަޒީފާއަށް ކަމަށް ބުނެ، ބޭރުމީހުން ގެނެއެވެ. ނަތީޖާއަކަށް ވަނީ އަމިއްލަ ގެދޮރު ރަހުނުގެ ގޮތުގައި ދައްކައި، ބޮޑު ލޯނެއް ނަގައިގެން، ބޮޑު ޚަރަދެއް ކޮށްފައި ދިވެހިރާއްޖެއަށް ބިދޭސީ މީހާ އަންނަ އިރު، އޭނާ އަދާކުރާނެ ވަޒީފާއެއް ހަމަޖެހިފައި ނުވުމެވެ. އަދި ކުންފުނިތަކުން އެ މީހުންނާ މެދު ތަފާތުކުރުން އިންތިހާއަށް ގެންގުޅުމެވެ (ޓްރާންސްޕޭރެންސީ މޯލްޑިވްސް، 2015). ބިދޭސީން ގެނެސް، އެ މީހުންނަށް ވަޒީފާއެއް ނުދީ، ބާކީކޮށް، ދިވެހި ގައުމުގެ ތެރެއަށް ދޫކޮށްލުމަކީ އަނިޔާއެކެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތުކުރެވި، އެބައިމީހުންގެ އިންސާނީ ޙައްޤުތައް ގެއްލޭގޮތަށް ކުރެވޭ ކަންކަން ދިވެހިރާއްޖޭގައި އިތުރުވަމުން ދާތީ އެ ކަން، އދ.ގެ ނަސްލީ ތަފާތުކުރުން ނައްތާލުމާބެހޭ ކޮމިޓީން ވަނީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ (ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، 2014). އަދި ކޮވިޑް-19އާ ގުޅިގެން މި ފަދަ ޢަމަލުތައް އިތުރުވެފައިވެއެވެ. ބައެއް ދިވެހިންގެ މި ފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ބަދުނާމުވުމަކީ ދެރަކަމެކެވެ. ދިވެހި ތާރީޚު ބުނާ ގޮތުން ދިވެހިންނަކީ ޒަމާނުއްސުރެ، މީހުންނަށް އަޅާލާ، އޯގާތެރި ބައެކެވެ. އެހެންކަމުން އެ ރީތި ސިފަތައް އަބަދުވެސް ދަމަހައްޓަން ޖެހޭނެއެވެ. އެއްވެސް މީހަކުއިންސާނީ ޙައްޤުތަކުން މަޙުރޫމުކުރެވިގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 17ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ކަމުގައި އެ މީހެއްގެ ނަސްލަކަށް ބަލައި ތަފާތުކޮށްގެން ނުވެއެވެ (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ، 2008). މިއަދު ބައެއް ބިދޭސީން މި ޙައްޤުތަކުން މަޙުރޫމުވެ، ބިދޭސީ ބައެއް މަސައްކަތްތެރިން އެއް ތަނެއްގައި ތޮއްޖެހިގެން އުޅެން ޖެހުމުގައި ކުރިން ދެންނެވި ފަދަ ކުންފުނިތަކުގެ އިހުމާލު ބޮޑެވެ. ބައެއް ބިދޭސީ މަސައްކަތްތެރިން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުރިހަމަކުރަމުން އަންނަނީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީންނެވެ. ނަމަވެސް ކޮވިޑް-19އާ އެކު އުޅެންޖެހިފައިވާ ޙާލަތުގެ ސަބަބުން މި ގޮތަށް ލިބޭ އާމްދަނީން ވެސް ބައެއް ބިދޭސީ މަސައްކަތްތެރިން މަޙުރޫމްވުމުން އެ މީހުންގެ ޙާލަތު ވަނީ ވަރަށް ނިކަމެތިވެފައެވެ. ބަނޑުފުރާނެ ކާ އެއްޗެއް ހޯދުމަށް ވެސް ބައެއް ބިދޭސީން ވަނީ ނުކުޅެދިފައެވެ. ބިދޭސީ މަސައްކަތްތެރިންގެ މި ފަދަ އަސާސީ ޙައްޤުތައް ގެއްލެމުންދާތީ، އެ މީހުން ރާއްޖެއަށް ގެނެސްފައިވާ ފަރާތްތަކުން މި ދަނޑިވަޅުގައި އެ މީހުންނަށް އަޅާލުން މުހިންމެވެ. އަދި ނަސްލީ ތަފާތުކުރުމެއް ނެތި، އެ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ހޯދައިދޭން ޖެހެއެވެ.
ނަސްލީ ތަފާތުކުރުމަކީ އެއް ނަސްލަކީ އަނެއް ނަސްލަށްވުރެ މަތިވެރި ނަސްލެއްކަމާއި، އެނޫން ނަސްލުތަކުގެ މީހުން ދަށްކަމަށް ދެކި، އެ ނަސްލުތަކުގެ މީހުންނާ މެދު ބޭއިންސާފުން ޢަމަލުކުރުމެވެ. ކޮވިޑް-19އާ ގުޅިގެން މިތަފާތުކުރުންތައް ދުނިޔޭގެ އެކި މުޖުތަމަޢުތަކުން އިތުރުވަމުންދާއިރު، މި ތަފާތުކުރުންތައް ހުއްޓާލަން ޖެހެއެވެ. އެއީ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ދިވެހި މުޖުތަމަޢުން ވެސް ފެންނަ މި ފަދަ ތަފާތުކުރުންތައް ހުއްޓާލަން ޖެހެއެވެ. ކޮވިޑް-19އަކީ ވަކި ނަސްލެއްގެ މީހެއްގެ ސަބަބުން ޖެހޭ ބައްޔެއް ނޫނެވެ. ނަސްލީ ތަފާތުރުމުން، ބިދޭސީން ކޮށްދޭ ބުރަ މަސައްކަތްތަކުގެ އަގުވަޒަނެއް ނުކުރެވޭނެއެވެ. މި ތަފާތުކުރުންތަކުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ކަރާމާތާއި އަބުރު ގެއްލޭނެއެވެ. އަދި މި ތަފާތުކުރުންތަކުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ އަސާސީ ޙައްޤުތައް ގެއްލި ބާކީވެ، ނިކަމެތިވެއެވެ. އެހެންކަމުން ދިވެހިންނަށް އެ މީހުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ކޮވިޑް-19ގެ މި ހިތްދަތި ދަނޑިވަޅުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ރާއްޖެއަށް،ބިދޭސީ މަސައްކަތްތެރިން ގެންނަ ފަރާތްތަކުން، އެމީހުންނާ ދެތެރޭ ތަފާތުކުރުން ނުބާއްވައި، އެ މީހުންނަށް ވެސް ލިބެންޖެހޭ އިންސާނީ ޙައްޤުތައް، ކޮވިޑް-19ގެ މި ހިތްދަތި ދަނޑިވަޅުގައި ހޯދައިދިނުމަކީ މުހިންމުކަމެކެވެ.

ޙަވާލާ ލިސްޓު:
ހިޔުމަން ރައިޓްސް ވޮޗް. (2020).ޔޫއެސް ގަވަރމެންޓް ޝުޑް ބެޓަރ ކޮމްބެޓް އެންޓި އޭޝިއަން ރޭސިޒަމް. ނެގީ، 2020، އޭޕްރިލް 20، https://www.hrw.org/news/2020/04/17/us-government-should-better-combat-anti-asian-racism ން.
ހިޔުމަން ރައިޓްސް ވޮޗް. (2020). ހިޔުމަން ރައިޓްސް ޑައިމެންޝަންސް އޮފް ކޮވިޑް-19 ރެސްޕޮންސް. ނެގީ، އޭޕްރިލް 21، 2020، https://www.hrw.org/news/2020/03/19/human-rights-dimensions-covid-19-responseން.
ހިއުމަންރައިޓްސްކޮމިޝަންއޮފްދަމޯލްޑިވްސް. (2014).ނަސްލީތަފާތުކުރުންނައްތާލުމަށްބައިނަލްއަގްވާމީގޮތުންފާހަގަކުރާދުވަސް. ނެގީ http://hrcm.org.mv/dhivehi/news/page.aspx?id=423ން.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިކްސް.(2019). ސްޓެޓިސްޓިކަލް ޕޮކެޓްބުކް އޮފް މޯލްޑިވްސް،2019. މާލެ: މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ. ނެގީ http://statisticsmaldives.gov.mv/statistical-pocketbook-of-maldives-2019/ން.
ރޮބަޓް މައިލްސް، މެލްކޯލްމް ބްރައުން. (2003). ރޭސިޒަމް (ދެވަނަ އިސްދާރު). ރޯޓްލެޖް، ލަންޑަން: ޔޫކޭ.
އޭޝިއާ ޕެސިފިކް ޕްލޭނިންގ ކޮމިޝަން. (2020، އޭޕްރިލް 4). ސްޓޮޕް އޭއޭޕީއައި ހޭޓް ރިސީވެސް އޮވަރ 1،100 އެކްސިޑެންޓް ރިޕޯޓްސް އޮފް ވަރބަލް ހެރެސްމެންޓް، ޝަނިންގ އެންޑް ފިޒިކަލް އެސާލްޓް އިން ޓޫ ވީކްސް-ފޯރ އިމީޑިއޭޓް ރިލީސް ޕްރެސް ސްޓޭޓްމެންޓް. ނެގީ، އޭޕްރިލް 21، 2020،http://www.asianpacificpolicyandplanningcouncil.org/wp-content/uploads/Press_Release_4_3_20.pdfން.
މޯލްޑިވްސް އިމްގްރޭޝަން. (2019). ސެވެރަލް ސަސްޕެކްޓެޑް ކޭސެސް އޮފް ރެކްރޫޓްމެންޓް ފްރޯޑް ސެންޓް ފޮރ ފަރދަރ އިންވެސްޓިގޭޝަން. ނެގީhttps://immigration.gov.mv/several-suspected-cases-of-recruitment-fraud-involving-possible-human-trafficking-cases-sent-for-further-investigation/ން.
މުޙައްމަދު އުސާމް. (2020، އޭޕްރިލް 19). ޑެލިވަރީކޮށްދޭބޭރުމީހާގެގުރުބާނީކުޑައެއްނޫން!. އަވަސް. ނެގީ https://avas.mv/81512ން.
ދަ ގަރޑިއަން. (2020، އޭޕްރިލް 17). ސަރވޭ އޮފް ކޮވިޑް-19 ރޭސިޒަމް އަގެއިންސްޓް އޭޝިއަން އޮސްޓްރޭލިޔަން ރެކޯޑްސް 178 އިންސިޑެންޓްސް އިން ޓޫ ވީކްސް. ނެގީ، އޭޕްރިލް 21، 2020،
https://www.theguardian.com/world/2020/apr/17/survey-of-covid-19-racism-against-aian-australians-records-178-incidents-in-two-weeks ން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ. (2008). ނެގީhttp://www.archive.majlis.gov.mv/di/wp-content/uploads/gaanoon-assaasee.pdfން.
ދިވެހިބަހުގެ އެކަޑަމީ. (2006). ބަސްފޮތް. ނެގީ http://radheef.mv/ން.
ޑިލަން ދޭވާކުމާރު، ޖިއޯޑާން ޝެނަން، ސުނިލް އެސް. ބޯޕާލް، އިބްރާހީމް އަބޫބަކުރު) .2020). ރޭސިޒަމް އެންޑް ޑިސްކްރިމިނޭޝަން އިން ކޮވިޑް-19 ރެސްޕޮންސެސް. ދަ ލެންކެޓް، 395،DOI:https://doi.org/10.1016/S0140-6736(20)30792-3′ ން.
ޓްރާންސްޕޭރެންސީ މޯލްޑިވްސް. (2015). މޯލްޑިވްސް މައިގްރޭންޓް ވަރކަރ ސިސްޓެމް އެސެސްމެންޓް ރިޕޯޓް، 2015. ނެގީ http://transparency.mv/v16/wp-content/uploads/2016/06/Maldives-Migrant-Worker-System-Asessment-1-1.pdfން.
ޖޯން ޖޭ. މެސިއޯނިސް. (2012). ސޯޝިއޮލޮޖީ (14ވަނަ އިސްދާރު). ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ: ޕިއަރސަން އެޑިޔުކޭޝަން، އައިއެންސީ.